|
|||||||||||||||
|
|||||||||||||||
|
You are here : Home > News
ދައުލަތުގެ ފަރާތުން ކުޑަކުދިން އެކުދިން ދިރިއުޅެމުން އަންނަ އާއިލާއާ ވަކިކުރުމުގައި ޢަމަލު ކުރާނޭ ގޮތުގެ ގަވާއިދު ތަޢާރަފް 1.(ހ) މިގަވާއިދަށް ކިޔާނީ "ދައުލަތުގެ ފަރާތުން ކުޑަކުދިން އެކުދިން ދިރިއުޅެމުން އަންނަ އާއިލާއާ ވަކިކުރުމުގައި ޢަމަލު ކުރާނޭ ގޮތުގެ ގަވާއިދު" އެވެ. (ށ) ކުޑަކުދިން އެކުދިން ދިރިއުޅެމުން އަންނަ އާއިލާއާ ވަކިކުރުމުގައިި ޢަމަލުންކުރަން ޖެހޭނީ މިގަވާއިދާ އެއްގޮތަށެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގޭ ފަރާތްތައް 2.ކޯޓު އަމުރެއްނެތި ވަގުތީ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގޭނީ ތިރީގައި މިވާ ފަރާތްތަކަށެވެ. (ހ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް؛ (ށ) މޯލްޑިވްސް ޕޮލިސް ސަރވިސް؛ ކުއްޖާ ދިރިއުޅެމުން އަންނަ ޢާއިލާއާ ކުއްޖާ ވަކިކުރެވޭ ސަބަބުތައް (ހ) ކުއްޖާގެ މައިންބަފައިން ނުވަތަ ކުއްޖާ ބަލަހައްޓަމުން އައި މީހާގެ ފަރާތުން ނުވަތަ ކުއްޖާ ދިރިއުޅޭ ތަނުގައި އުޅޭ މީހެއްގެ ފަރާތުން ކުއްޖާއަށް ޖިސްމާނީ ނުވަތަ ނަފްސާނީ ނުރައްކަލެއް ނުވަތަ ޖިންސީ ހާނީއްކައެއް ލިބޭާ ނުވަތަ ލިބިދާނެފަދަ ޙާލަތެއްގައި؛ ނުވަތަ (ށ) ކުއްޖާއަށް ހާނީއްކަކުރާ ނުވަތަ ކުރި މީހާއަކީ ކުއްޖާ ދިރިއުޅޭ ގޭގައި އުޅޭ މީހަކަށްވެފައި، ކުއްޖާ އެގޭގައި ބަހައްޓަައިފިނަމަ އެމީހެއްގެ ކިބައިން ކުއްޖާ ހިމާޔަތްކުރެވޭނެފަދަ ގޮތެއްނެތުން. 4.މިގަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާފަދަ ސަބަބުތައްފިޔަވައި ތިރީގައިބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް ދިމާވެއްޖެނަމަ މިގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ކުއްޖާ ދިރިއުޅެމުން އައި ޢާއިލާއާ ކުއްޖާ ވަކިކޮށް އެހެން ފަރާތަކާ ކުއްޖާ ޙަވާލުކުރުމުގެ ނުވަތަ ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ނެގުމުގެ އިޙްތިޔާރު ދައުލަތަށް ލިބިގެންވެއެވެ. (ހ) މަނާ ކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރާ ޢުމުރުން 10 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ފަރުވާ ދިނުމަށް އެކުއްޖެއްގެ ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ ޤަބޫލުނުވެއްޖެނަމަ އެކުއްޖަކަށް ފަރުވާ ދިނުމަށްޓަކައި؛ (ށ) މަގުމަތިން ނުވަތަ އެނޫންތަނަކުން ހޮވާ ކުއްޖާ؛ (ނ) މައިންބަފައިން ޖަލުގައި ތިބުމުގެެ ސަބަބުން ކުއްޖާ ބަލާނެ މީހަކު ނެތުން؛ (ރ) ކުއްޖާގެ މަޞްލަޙަތައް އެންމެ ފައިދާ ހުރީ ކުއްޖާ ދިރިއުޅެމުން އަންނަ ޢާއިލާއާ ވަކިކޮށްގެން ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއަށް ފެނިއްޖެ ޙާލަތްތަކުގައި؛ (ބ) މައިންބަފައިން ނުވަތަ ޝަރްޢީ ބަލަދު ވެރިން ނެތުމުގެ ސަބަބުން ބެލޭނެ އެހެން ގޮތެއް ނެތިފައިވާ ޔަތީމު ކުދިންނާއި މިސްކީނު ކުދިން. ހޮސްޕިޓަލަކުން ބެލެނިވެރިޔާއާ ކުއްޖާ ޙަވާލުނުކުރުން 5.(ހ) ހޮސްޕިޓަލަކަށް ގެނެވޭ ކުއްޖަކަށް ޖިސްމާނީ ގޮތުން ނުވަތަ ޖިންސީ ހާނީއްކައެއް ލިބިފައިވާނަމަ އަދި، (i) އެފަދަ ހާނިއްކައެއް ކުއްޖާއަށް ދިނީ ކުއްޖާގެ ބެލެނިވެރިޔާކަމަށް ކުއްޖާ ބުނާނަމަ؛ ނުވަތަ (ii) ކުއްޖާއަށް އަނިޔާ ލިބުނު ގޮތްކަމަށް ކުއްޖާގެ ބެލެނިވެރިޔާ ބުނާ ބުނުންް ޑޮކްޓަރަށް ޤަބޫލުނުކުރެވޭނަމަ؛ ނުވަތަ (iii) ކުއްޖާއަށް ޖިންސީ ހާނިއްކައެއް ލިބިފައިވާކަމަށް ބެލެވޭނަމަ؛ އަދި ކުއްޖާގެ މަޞްލަޙަތައް އެއްމެ ރަނގަޅުގޮތަކީ ކުއްޖާ އޭނާގެ ބެލެނިވެރިޔާއާ ޙަވާލުނުކުރުންކަމަށް ޑޮކްޓަރަށް ފެނިއްޖެ ޙާލަތެއްގައި އެކަން މޯލްޑިވްސް ޕޮލިސް ސަރވިސް ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއަށް ލަސްނުކޮށް އަންގައި، އެކުއްޖާއާ ޙަވާލުވުމަށް އެތަނަކަށް އައުމަށް އެފަރާތުގައި އެދެންވާނެއެވެ. (ށ) މޯލްޑިވްސް ޕޮލިސް ސަރވސްއިންް ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ ފަރާތުން ކުއްޖާއާ ޙަވާލުވުމުގެ ކުރިން ކުއްޖާ ހޮސްޕިޓަލުން ގެންދަން ކުއްޖާގެ ބެލެނިވެރިޔާ ބޭނުންވެއްޖެނަމަ ކުއްޖާގެ ބެލެނިވެރިޔާއާ ކުއްޖާ ޙަވާލުނުކުރެވޭ ސަބަބު އެފަރާތަށް އަންގަންވާނެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ގެނެވޭ ކުދިން 6.(ހ) ކުށެއްކޮށްގެން ނޫންގޮތަކަށް ކުއްޖަކު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގެނެވިއްޖެނަމަ ނުވަތަ ކުޑަކުއްޖަކު މަގުމަތިން ނުވަތަ އެނޫންވެސް ތަނަކުން ހޮވައިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އަށްް ގެނެވިއްޖެނަމަ އެކަން ލަސްނުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓަށް އަންގަންވާނެއެވެ. އަދި، އެފަދަ ކުއްޖަކު ވަގުތީގޮތުން ނަމަވެސް ކުށްކުރާ މީހުންނާއެކު ބަހައްޓައިގެން ނުވާނެއެވެ. (ށ) މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކުއްޖާ ގެނެވުނީ މިގަވާއިދުގެ 3 ވަނަ، 4 ވަނަ ނުވަތަ 5 ވަނަަ މާއްދާގައި ބަޔާންކުރެވިފައިވާފަދަ ސަބަބެއް މެދުވެރިވެގެން ކަމަށްވާެނަމަ އެކުއްޖަކު ލަސްނުކޮށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއާ ޙަވާލުކުރަންވާނެއެވެ. ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ ބެލުމުގެދަށަށް ކުއްޖާ ގެނައުން 7.(ހ) ކޯޓު ޢަމުރަކާ ނުލައި ކުޑަކުއްޖަކު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ ބެލުމުގެ ދަށަށް ގެނެވޭނީ (i) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ގެނެސްފައިވާ ކުއްޖަކާ ޙަވާލުވުމުގެ ގޮތުން؛ ނުވަތަ (ii) މިގަވާއިދުގެ 3 ވަނަ މާއްދާގައި ބުނާ ފަދަ ޙާލަތެއްގައި؛ ނުވަތަ (iii) މިގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ނުވަތަ (ނ) ނުވަތަ (ބ) ގައި ބުނާފަދަ ޙާލަތެއްގައެވެ. (ށ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ގެނެވުނު ސަބަބު އެކުދިންގެ ބެލެނިވެރިންނަށް ލިޔުމުން އަންގަންވާނެއެވެ. އަދި، އެސަރވިސަސްގެ ބެލުމުގެ ދަށަށްގެނޭވޭ ކުދިން ގެނެވުނު ސަބަބާއި ގެނެވުނުއިރު ކުއްޖާ ހުރި ޙާލަތާއި ކުއްޖާގެ އެސެސްމަންޓް ލިޔެކިޔުމުން ޑޮކިޔުމަންޓް ކުރެވިފައި ހުންނަންވާނެއެވެ. ކުއްޖާ ދިރިއުޅެމުން އަންނަ އާޢިލާ ފިޔަވައި އެހެން ފަރާތަކާ ކުއްޖާ ޙަވާލުކުރުން ނުވަތަ ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ގެނައުން 8.(ހ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ ބެލުމުގެ ދަށަށް މިގަވާއިދުގެ 3 ވަނަ މާއްދާގައި ބުނާފަދަ ސަބަބަކާހުރެ ކުއްޖަކު ގެނެވިއްޖެނަމަ، ރަސްމީ ބަންދު ނޫން 10 ދުވަހުގެ ތެރޭގައި ކުއްޖާ ދިރިއުޅެމުން އައި ޢާއިލާ ފިޔަވައި އެހެން ފަރާތަކާ ކުއްޖާ ޙަވާލުކުރުމަށް ނުވަތަ ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ގެނައުމަށް އެދި މައްސަލަ ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހަޅަންވާނެއެވެ. (ށ) މިގަވާއިދުގެ 4 ވަނަ މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) ގައި ބުނާފަދަ ސަބަބަކާހުރެ ކުއްޖަކު ދިރިއުޅެމުން އަންނަ ޢާއިލާއާ ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ގެނެވޭނީ ނުވަތަ އެ ކުއްޖާގެ ޝަރުޢީ ބަލަދުވެރިޔަކު ނޫން ފަރާތަކާއި ކުއްޖާާ ޙަވާލުކުރެވޭނީ ކޯޓު ޢަމުރަކާއެކުއެވެ. (ނ) ކުއްޖަކާމެދު ކުއްޖާގެ ބެލެނިވެރިޔާ އިހްމާލުވަމުންދާކަމުގެ ރިޕޯޓެއް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއަށް ލިބިއްޖެނަމަ އަދި ކުއްޖާގެ ބެލެނިވެރިޔާއާއެކު އެކަށީގެންވާ މުއްދަތަކަށް މަސައްކަތް ކުރުމަށްފަހުވެސް، ކުއްޖާގެ ދިރިއުޅުމަށް ކުއްޖާގެ ބެލެނިވެރިޔާ ހެޔޮ ބަދަލެއް ނުގެނެސްފިނަމަ، ކުއްޖާގެ މަޞްލަޙަތައް އެންމެ ފައިދާ ހުރީ ކުއްޖާ ދިރިއުޅެމުން އަންނަ ޢާއިލާއާ ކުއްޖާ ވަކިކުރުންކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއަށް ކަނޑައެޅިދާނެއެވެ. އަދި، އެފަދަ ޙާލަތްތަކުގައި މިގަވާއިދުގެ 8 ވަނަ މާއްދާގެ (ށ)ގައި ބުނާފަދައިން މައްސަލަ ކޯޓަށް ހުށަހަޅަންވާނެއެވެ. (ރ) މަގުމަތިން ނުވަތަ އެނޫން ތަނަކުންް ކުއްޖަކު ހޮވައިގެން އެއްވެސް ފަރާތަކުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއަށް ގެނެވިއްޖެނަމަ އެކުއްޖާއާ ޙަވާލުވުމަކީ އެސަރވިސަސްގެ ޒިންމާއެކެވެ. އަދި އެފަދަ ކުއްޖަކާމެދު ތިރީގައިމިވާ ގޮތަށް ޢަމަލުކުރަންވާނެއެވެ. (i) އެކުއްޖާގެ ބެލެނިވެރިޔާ ހޯދުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ. އެގޮތުން، ކުއްޖާގެ ބެލެނިވެރިން ހޯދުމަށްޓަކައި ރޭޑިއޯ / ޓީވީ އިން އިޢުލާންކުރުމާއި ކުއްޖާގެ ފޮޓޯއާއެކު ޓީީވީ މެދުވެރިކޮށް ދެއްކުމާއިި ދުވަހު ނޫސްތަކުގައި ޖެހުން. (ii) މިމާއްދާގައި ބުނާފަދަ ސަބަބަކާހުރެ ގެނެވޭ ކުއްޖަކު ބަލައި އެކުއްޖާގެ ބެލެނިވެރިޔާ އަތުވެއްޖެނަމަ ކުއްޖާ ގެއްލެން ދިމާވި ސަބަބު އޮޅުންފިލުވައި، ކުއްޖާ ބެލެނިވެރިޔާއާ ޙަވާލުކުރުމުން ކުއްޖާގެ ކަރާމަތަށް ގެއްލުން ނުވާނެނަމަ، ބެލެނިވެރިޔާއާ ކުއްޖާ ޙަވާލުކުރުންވާނެއެވެ. އަދި، މިގަވާއިދުގެ 3 ވަނަ މާއްދާގައި ބުނާފަދަ ސަބަބަކާހުރެ ކުއްޖާ ބެލެނިވެރިޔާއާއި ކުއްޖާ ޙަވާލުކުރަން ނުފެނިއްޖެނަމަ ސަބަބު ބަޔާންކޮށް އެކަން ބެލެނިވެރިޔާއަށް އަންގައި މިގަވާއިދުގެ 3 ވަނަ މާއްދާގައި ބުނެފައިވާ ސަބަބަކާހުރެ ގެނެވޭކުދިންނާމެދު ޢަމަލުކުރަން ޖެހޭ އުޞޫލުން ޢަމަލުކުރަންވާނެއެވެ. (iii) ކުއްޖާގެ ބެލެނިވެރިޔާ ނުފެނި 30 ދުވަސް ވެއްޖެނަމަ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށް އެދިި މައްސަލަ ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި ކޯޓުން ކުއްޖާ ދައުލަތާ ޙަވާލުކޮށްފައިވަނިކޮށް ކުއްޖާގެ ބެލެނިވެރިޔާ ކުއްޖާއާ ޙަވާލުވާން އަތުވެއްޖެނަމަ، އެކުއްޖާ އަނބުރާ ކުއްޖާގެ ބެލެނިވެރިޔާއާ ހަވާލުކުރަންވާނީ ކޯޓު މެދުވެރިކޮށެވެ. މިގޮތަށް ކުއްޖާއާ ޙަވާލުވާން ބެލެނިވެރިޔަކު އަތުވެއްޖެނަމަ، އެމީހެއްގެ އެސެސްމަންޓެއް ހެދުމަށްފަހު ރަސްމީ ބަންދުނޫން 02 ދުވަހުގެ ތެރޭގައި ކޯޓަށް މައްސަލަ ހުށަހަޅަންވާނެއެވެ. (ބ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ ބެލުމުގެ ދަށަށް ޔަތީމު ކުއްޖަކު ގެނެވިއްޖެނަމަ އަދި އެކުއްޖާގެ ބަލަދުވެރިޔަކު/ޙަޟާނަތާއި ޙަވާލުވާނެ ފަރާތެއް ނެތްނަމަ، ކުއްޖާ ގެނެވޭތާ 30 ދުވަސް ހަމަވުމަށްފަހު ކޯޓު މެދުވެރިކޮށް ދައުލަތުން އެކުއްޖާއާއި ޙަވާލުވާންވާނެއެވެ. (ޅ) ކުއްޖާގެ ބެލެނިވެރިޔާ ޖަލުގައި ބަންދުކޮށްފައިވުމުގެ ސަބަބުން ކުއްޖާ ބަލާނެ އެހެން މީހަކު ނެތް ޙާލަތެއްގައި ކުއްޖާގެ ޢާއިލާއިން އެކަމަށް ޙައްޤު މީހަކު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއަށް އައިސްް ކުއްޖާއާއި ޙަވާލުވުމަށް އެދިއްޖެނަމަ އަދި ކުއްޖާގެ މަސްލަހަތައް އެންމެ ރަނގަޅުގޮތަކީ އެއީކަމަށްް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއަށް ފެނިއްޖެ ނަމަަ ކޯޓު މެދުވެރިކޮށް އެކުއްޖާ ބެލުމުގެ މަސްއޫލިއްޔަތު އެފަރަާތާއި ޙަވާލުވުމުގެ އިޚްތިޔާރު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއަށް ލިބިގެންވެއެވެ. ކުއްޖާ އާޢިލާގެ އެހެންފަރާތަކާ ހަވާލުކުރުން 9.(ހ) ކުއްޖާގެ މަސްލަހަތައްޓަކައި ކުއްޖާ ދިރިއުޅެމުން އައި ޢާއިލާއާ ކުއްޖާ ވަކިކުރާ ޙާލައްތަކުގައި ކުއްޖާގެ ތިމާގެ މީހުންގެ ތެރެއިން ކުއްޖާއާއި ހަވާލުވާނެ މީހަކު ހުރިތޯ ބަލަންވާނެއެވެ. އަދި، އެފަދަ މީހަކު ހުރިނަމަ، އަދި ކުއްޖާގެ މަސްލަޙަތައް އެންމެ ރަނގަޅުގޮތަކީ އެކުއްޖާ ބެލުން ނުވަތަ ކުއްޖާގެ ޙަޟާނަތް އެމީހަކާ ޙަވާލުކުރުންކަމަށްވަނީނަމަ، ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ނެގުމުގެ ބަދަލުގައި ކުއްޖާ ބެލުން ނުވަތަ ކުއްޖާގެ ޙަޟާނަތް ކޯޓު މެދުވެރިކޮށް އެފަރާތަކާ ޙަވާލުކުރަންވާނެއެވެ. (ށ) ކުއްޖަކު އެކުއްޖާގެ ޢާއިލާގެ އެހެން ފަރާތަކާ ވަގުތީގޮތުން ނުވަތަ ކޯޓު މެދުވެރިކޮށް ނަމަވެސްް ޙަވާލުކުރާނަމަ، އެފަރާތަކީ ކުއްޖާއަށް ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަން ދެވޭފަދަ ފަރާތެއްކަން ދެނެގަތުމަށްޓަކައި އެފަރާތުގެ އެސެސްމަންޓް ހެދުމަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ މަސްއޫލިއްޔަތެކެވެ. މައްސަލަ ކޯޓަށް ހުށަހެޅުން 10.(ހ) ކުއްޖާ ދިރިއުޅެމުން އައި ޢާއިލާއާ ވަކިކޮށް އެހެން ފަރާތަކާއި ޙަވާލުކުރުމަށް ނުވަތަ ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ގެނައުމަށް އެދި ހުށަހަޅާ މައްސަލަ ކޯޓަށް ހުށަހަޅަންވާނީ ތިރީގައިމިވާ މަޢުލޫމާތާއެކުއެވެ. (i) ކުއްޖާ އޭނާގެ ޢާއިލާއާ ވަކިކުރަން ދިމާވި ސަބަބު އަދި ކޭސްވަރކަރ ހަދާފައިވާ އެސެސްމަންޓްގެ ތަފްޞީލް؛ (ii) ކުއްޖާއަށް ޖިސްމާނީ އަނިޔާއެެއް ލިބިފައިވާނަމަ އެއަނިޔާގެ ތަފްޞީލާއި ޑޮކްޓަރ ރިޕޯޓް؛ (iii) ކުއްޖާއަށް ޖިންސީ ހާނިއްކައެއް ލިބިފައިވާނަމަ ޑޮކްޓަރ ރިޕޯޓާއެކު އޭގެ ތަފްޞީލް؛ (vi) ކުއްޖާއަށް ނަފްސާނީ ގޮތުން ލިބިފައިވާ ގެއްލުމުގެ ތަފްޟީލް؛ (ށ) މިގަވާއިދުގެ ދަށުން ކުއްޖާގެ މަސްލަހަތަށްޓަކައި ކުއްޖާ ދިރުއުޅެމުން އައި ޢާއިލާއާ ވަކިކުރަންޖެހޭ ޙާލަތުގައި، ޝަރުޢީ ގޮތުން ކުއްޖާގެ ޙަޟާނަތް ނުވަތަ ބެލުން ނަގުލުވާފަރާތުން ކުއްޖާ ބެލުމަށްް އިންކާރުކޮށްފިނަމަ، އެކުއްޖާ ބެލުން ނުވަތަ ކުއްޖާގެ ޙަޟާނާތް ކޯޓު މެދުވެރިކޮށް އެފަރާތަކާ ހަވާލުކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިޚްތިޔާރު ދައުލަތަށް ލިބިގެންވެއެވެ. (ނ) މިގަވާއިދުގެ ދަށުން ކުއްޖާ ދިރިއުޅެމުން އައި ޢާއިލާއާ ކުއްޖާ ވަކިކުރަންޖެހޭ ޙާލަތްތަކުގައި ޢާއިލާއާ ބެހޭ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިންް އެޤާނޫނުގައި ބުނާ ޚަރަދުތައް ކުއްޖާގެ ޝާރުޢީ ބަލަދުވެރިޔާގެ އަތުން ހޯދުމަށްއެދި މައްސަލަ ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ދައުލަތަށް ލިބިގެންވެއެވެ. އެހެނިހެން ކަންތައްތައް 11.(ހ) ކުއްޖާ ދިރިއުޅެމުން އައި ޢާއިލާއާ ވަކިކުރެވޭ ކުދިންގެ މަޢުލޫމާތު ފޯމް، ލިބެންހުރި މަޢުލޫމާތާއެކު ފުރުމަށްފަހު ކުއްޖާ ބަހައްޓާތަނެއްގެ އެންމެ އިސް ވެރިޔަކާ ޙަވާލުކުރަންވާނެއެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކޮންމެ ކުއްޖަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ ޙަވާލުގައި ހުންނާނެ ކުއްޖެކެވެ. (ށ) ކުއްޖާ ދިރިއުޅެމުން އައި ޢައިލާއާ ވަކިކުރެވޭ ކުދިންގެ ތެރެއިން ކައުންސިލިންގ ބޭނުންވާ ކުދިންނަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ ފަރާތުން ކައުންސިލިން ދޭންވާނެއެވެ. އަދި، އެކުދިންގެ ޕްރޮގްރެސް ގަވާއިދުން ބަލާ ލިޔެކިޔުމުން ފެންނަން ހުންނަންވާނެއެވެ. (ނ) ކުއްޖާ ދިރިއުޅެމުން އައި ޢާއިލާއާ ކުއްޖާ ވަކިކުރެވިއްޖެނަމަ، އެކުއްޖާއަށް އިހުމާލުވީ ބެލެނިވެރިޔާއަށް، ކުދިން ހެޔޮގޮތުގައިިި ތަރުބިއްޔަތުކޮށް، ގެންގުޅޭނޭ ގޮތުގެ މަޢުލޫމާތުދީ ބެލެނިވެރިކަމުގެ ޒިންމާ އަަދާާ ކުރަން ދަސްކޮށްދިނުމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ ފަރާތުން މަސައްކަތްކުރަންވާނެއެވެ. (ރ) ކުއްޖާ ދިރިއުޅެމުން އައި ޢާއިލާއާ ވަކިކުރެވޭ ކުއްޖާއަކީ ކަންކަން ވިސްނި ދޭހަވުމުގެ ޤާބިލުކަން ހުރި ކުއްޖަކަށް ވާނަމަަ، އެކަމުގައި ކުއްޖާގެ ބަހެއް ހޯދަންވާނެއެވެ. އަދި، ކުއްޖާއާއި މެދު ޢަމަލުކުރަން ނިންމި ގޮތެއް ކުއްޖާގެ ޢުމުރާ ގުޅޭ މިންވަރަކުން ކުއްޖާއަށް ކިޔާދޭންވާނެއެވެ. (ބ) ކުއްޖާ ދިރިއުޅެމުން އައި ޢާއިލާއާއި ވަކިކުރެވޭ ކުދިންނާމެދު އެކުދިންގެ ބެލެނިވެރިންވެފައިވާ އިހުމާލުގެ މައްސަލަ ތަޙުޤީޤު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްް އަށް ހުށަހަޅަންވާނެއެވެ. (ޅ) މި ގަވާއިދުގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލަތައް އަވަސްނިޔާ ކޯޓަށް ހުށަހަޅަނަންވާނެއެވެ. މާނަ 12.(ހ) 'ކުއްޖާ' ކަމަށް ބުނެފައިވަނީ ޤާނޫނު ނަންބަރު 91/9 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު)ގެ 28 ވަނަ މާއްދާގައި ބުނާ ކުޑަކުއްޖާއަށެވެ. (ށ) 'ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް' ކަމަށް ބުނެފައިއެވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިނގާ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއަށެވެ. (ނ) 'ހޮސްޕިޓަލް' ކަމަށް ބުނެފައިއެވަނީ ސަރުކާރުގެ ހުއްދަ ލިބިގެން މާލޭގައި އާއި އަތޮޅުތަކުގައި ހިންގާ ހޮސްޕިޓަލުތަކާއި، ސިއްހީ މަރުކަޒުތަކާއި ހެލްތް ޕޯސްޓް ތަކާއި މެޑިކަލް ސެންޓަރ ތަކަށެވެ. (ރ) 'ކޭސްވަރކަރ' ކަމަށް ބުނެފައިއެވަނީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއަށް ހުށަހެޅޭ މައްސަލަތަށް ދިރާސާކޮށް ކުއްޖާގެ މަސްލަހަތާ ޙަވާލުވާ އެސަރވިސަސްގެ މުވައްޒަފަށެވެ. (ބ) 'މަގުމަތިން ހޮވާ ކުއްޖާ' ކަމަށް ބުނެފައިއެވަނީ އެކުއްޖާއަށް އެކުއްޖާގެ ބެލެނިވެރިޔާ ގެއްލިފައިވާ، މަގުމަތިން، އަތިރިމަތިން، ނުވަތަ އެނޫންވެސް ތަނަކުން ބެލެނިވެރިއަކު ނެތި ފެންނަ އަދި ކުއްޖާއަށް ކުއްޖާ އުޅޭތަން ބުނެދޭން ނޭގެ ކުދިންނަށެވެ. _____________________________ Posted on 27 Jan 2008 by Administrator on Dhivehi Announcements
28 Sep 2008 އިޢްލާން, posted by Administrator
|
||||||||||||||