 |
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އުފެދެމުން އައިސްފައިވާ ގޮތް
/ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ގެ ތާރީޚް
އަންހެނުންގެ ތަރައްޤީއަށް ޚާއްސަކުރެވުނު އ.ދގެ 10 އަހަރު (1976ން 1985ށް)
ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ނޭޝަނަލް ޕްލޭނިންގ އޭޖެންސީ ގެ
ދަށުން "އިންޓަނޭޝަނަލް ޑިކޭޑް ފޮރ ވިމެން ޕްރެޕަރޭޓަރީ ކޮމިޓީ" ގެ
ނަމުގައި 16 އޭޕްރީލް 1979ގައި ދިވެހި ސަރުކާރުން ކޮމިޓީއެއް އުފެއްދެވިއެވެ.
މިކޮމެޓީގެރައިސާއަކަށް ޢައްޔަންކުރެއްވީ ގ.މޫނިމާގެ އަލްފާޟިލާ ފާޠިމަތުޖަމީލެވެ.
މިއީ، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ
ޒަޢާމަތުގައި ދިވެހި އަންހެނުންގެ ތަރައްޤީއަށްޓަކައި އަޅުއްވާދެއްވި
ވަރަށް މުހިންމު ފިޔަވަޅެކެވެ. މިކޮމެޓީގެ އެންމެ މުހިންމު މަސްއޫލިޔަތަކަށްވީ
އަންހެނުންގެ ތަރައްޤީގެ 10އަހަރުގެ ނިމުން ފާހަގަ ކުރުމަށް 1985 ގައި
ކޯޕަންހޭގައި ބޭއްވުނު ބައިނަލް އަޤްވާމީ ޖަލްސާއަށް ތައްޔާރު ވުމުގެ
މަސައްކަތް ތައްކުރުމެވެ.
15 މާޗް 1981ގައި މިކޮމިޓީ ގެނަން ބަދަލުވެގެން ދިޔައީ އަންހެނުންގެ ޤައުމީ
ކޮމިޓީއަށެވެ. މިކޮމެޓީގެ މަޤުޞަދަކަށްވީ ދިވެހި އަންހެނުންގެ އިޖުތިމާޢީ،
އިގްތިޞާދީ އަދި ޘަޤާފީ ދިރިއުޅުމުގެ ފެންވަރު ރަގަޅު ކުރުމަށް މަސައްކަތް
ކުރުމެވެ. އަދި 1 އޯގަސްޓް 1982ގައި ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ ދަށުން
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށަށް އަންހެނުންގެ ޤައުމީ ކޮމިޓީ ބަދަލުވިއެވެ.
19 ޑިސެމްބަރ 1981ން 21 ޑިސެމްބަރ 1981ށް ބޭއްވުނު އަންހެނުންގެ ޤައުމީ
2ވަނަ ޖަލްސާއިން ނިންމުނު ކަންތައްތަކުގެ ތެރެއިން އެއްކަމެއްގެ ގޮތުގައި
އަންހެނުންގެ ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި
ރާއްޖޭގެ ކޮންމެ ރަށެއްގައި އަދި މާލޭގެ ކޮންމެ އަވަށެއްގައި އަންހެނުން
ކުރިއަރުވާ ކޮމިޓީއެއް އުފެއްދުމަށް ނިންމުނެވެ. މިގޮތަށް ނިންމުމާއި
ގުޅިގެން 8 އޮކްޓޯބަރ 1982ގައި މާލޭގެ އަވަށްތަކުގައި، 1 ޖެނުއަރީ 1983ގައި
ރާއްޖޭގެ ރަށްރަށުގައި އަންހެނުންގެ ކޮމިޓީތައް އުފެއްދެވިއެވެ.16 ޖުލައި
1986ގައި އަންހެނުންގެ ޤައުމީ ކޮމިޓީ' އޮފީސްފޮރ ވިމެންސް އެފެއާޒްއަށް
ބަދަލުވިއެވެ. އެއޮފީސްވެސް ހިނގަމުންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ
ދަށުންނެވެ. ދުވަސްކޮޅަކަށްފަހު އެއޮފީހުގެ މަސައްކަތްތައް ފުޅާވެ 5 ޖެނުއަރީ
1989 ގައި އޮފީސްފޮރ ވިމެންސްއެފެއާޒް ޑިޕާޓުމެންޓް އޮފްވިމެންސް އެފެއާޒްއަށް
ބަދަލުވިއެވެ. މިތާރީޚާއި ހަމައަށް އަންހެނުންގެ ކޮމިޓީތައް އައްޔަން
ކުރަމުން ގެންދެވިފައިވަނީ އޮފީސް ފޮރ ވިމެން އެފެއަރޒް އާއި ޑިޕާޓްމަންޓް
އޮފް ވިމެން އެފެއަރޒްގެ ދަށުންނެވެ. އަދި މި ދެ އޮފީހުގެ ވެސް އެންމެ
އިސްވެރިޔެއްގެ ގޮތުން މަސައްކަތް ކުރައްވާފައިވަނީ އަލްފާޟިލާ ފާޠިމަތު
ޖަމީލެވެ.
11 ނޮވެމްބަރ 1993ގައި މިނިސްޓްރީ އޮފް ޔޫތް، ވިމެންސް އެފެއަރޒް އެންޑް
ސްޕޯޓްސް އުފައްދަވާ، އަންހެނުން ކޮމިޓީތަކާއި އަންހެނުންގެ ތަރައްޤީއަށް
ކުރެވޭ ހުރިހާ މަސައްކަތްތަކުގެ އިތުރަށް ރާއްޖޭގެ ޒުވާނުންނާއި ކުޅިވަރާއިބެހޭ
ހުރިހާ މަސައްކަތެއް މިމިނިސްޓްރީގެ ދަށުން ކުރައްވާގޮތަށް ސަރުކާރުން
ހަމަޖެއްސެވިއެވެ. އަދި ސްޕޯޓްސް ޑިވިޝަންއާއި، ޒުވާނުންގެމަރުކަޒާ، މޯލްޑިވްސް
ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަން ސެންޓަރާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
އަކީ މިމިނިސްޓްރީގެ ދަށުން ހިގަމުންދާ ތަންތަން ކަމުގައި ހަމަޖައްސަވައި،
މިނިސްޓަރެއްގެ މަޤާމަށް އަލްފާޟިލާ ރާޝިދާ ޔޫސުފް އިސްކުރެއްވިއެވެ.
6 ނޮވެމްބަރ 1996ގައި ސަރުކާރުގެ އޮނިގަޑަށް
ގެންނެވި ބަދަލާއި ގުޅިގެން މިމިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ވިމެންސް
އެފެއަރޒް އެންޑް ސޯޝަލް ވެލްފެއަރގެ ނަމަށް ބަދަލުވިއެވެ. މިގޮތަށް ބަދަލުވުމާއި
ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ބަލަހައްޓަވަމުން ގެންދެވި ވެލްފެއަރ
ބަޔާއި، މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ބަލަހައްޓަވަމުން ގެންދެވި ކުޑަކުދިންގެ
ޙައްޤުތަކާއި ބެހޭ ޔުނިޓުގެ މަސައްކަތްތައް މިމިނިސްޓްރީން ބަލަހައްޓަވާ
މަސައްކަތް ތަކުގެ ތެރެއަށް އިތުރުވެ، ޒުވާނުންނާއި ކުޅިވަރާއިބެހޭ ހުރިހާ
ކަމެއް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ގެ ދަށަށް ބަދަލުވިއެވެ.
އަދި މާލެއަތޮޅު ގުރައިދޫގައި ހުންނަ ދައުލަތުގެ ޚާއްސަ އެހީއަށް ބޭނުންވާ
މީހުންތިބޭ މަރުކަޒަކީ މިމިނިސްޓްރީގެ ދަށުން ހިގަމުންދާ މަރުކަޒެއްގެ
ގޮތުގައި ހަމަޖެއްސެވިއެވެ.
11 ނޮވެމްބަރ 1998ން ފެށިގެން މިމިނިސްޓްރީގެ ނަމަކީ، މިނިސްޓްރީ އޮފް
ވިމެންސް އެފެއަރޒް އެންޑް ސޯޝަލް ސެކިއުރިޓީ ކަމުގައި ހަމަޖައްސަވައި،
މިނިސްޓްރީ އޮފް ވިމެންސް އެފެއަރޒް އެންޑް ސޯޝަލް ވެލްފެއަރ އިން ކުރަމުންއައި
މަސައްކަތްތަކުގެ އިތުރަށް ނޭޝަނަލް ހެލްތް އިންޝުއަރެންސް ސްކީމަކާއި
ނޭޝަނަލް ޕެންޝަން ސްކީމެއްފަދަ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އިޖްތިމާޢީ
ރައްކާތެރިކަމުގެ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ކުރުމަކީ މިމިނިސްޓްރީން
ކުރާމަސައްކަތެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ.
2000 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި އަންހެނުންގެ ކޮމިޓީތަކުގެ
ނަން "އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ" ގެ
ނަމަށް ބަދަލުކުރެއްވިއެވެ.
27 އޯގަސްޓް 2001ގައި މާލެ އަތޮޅު ގުރައިދޫގައި ހުންނަ ދައުލަތުގެ ޚާއްސަ
އެހީއަށް ބޭނުންވާމީހުން ތިބޭ މަރުކަޒުގެ ނަން "ޚާއްސަ އެހީއަށް
ބޭނުންވާ މީހުންގެ މަރުކަޒު" މިނަމަށް ސަރުކާރުން ބަދަލު ކުރެއްވިއެވެ.
09 އޮކްޓޯބަރ 2002ގައި ކެބިނެޓްގެ ބައެއް މަޤާމްތަކަށް ގެންނެވި ބަދަލުތަކުގެ
ތެރޭގައި މިނިސްޓަރ އަލްފާޟިލާ ރާޝިދާ ޔޫސުފް ޝްރީލަންކާއަށް ކަނޑައަޅުއްވާފައި
ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރގެ މަޤާމަށް އިސްކުރައްވައި، ހަމަމިތާރީޚުގައި
މިނިސްޓަރ ކަމުގެ މަޤާމަށް އޭރުގެ މިނިސްޓަރުގެ ނައިބު އަލްފާޟިލާ އަނީސާ
އަޙުމަދު އިސްކުރެއްވިއެވެ.
11 ނޮވެމްބަރ 2003ން ފެށިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ ޑިވެލޮޕްމަންޓް
އެންޑް ސޯޝަލް ސެކިއުރިޓީ ގެ ނަމަށް މިމިނިސްޓްރީގެ ނަން ބަދަލުވިއެވެ.
އަދި ކުރިން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންއައި ނާކޮޓިކްސް
ކޮންޓްރޯލްބޯޑަކީ މިތާރީހުން ފެށިގެން މިނިނިސްޓްރީގެ ދަށުން ހިގަމުންދާ
ތަނެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ.
13 ސެޕްޓެމްބަރ 2004ގައި މިނިސްޓަރުގެ މަޤާމުގައި ހުންނެވި އަލްފާޟިލާ
އަނީސާ އަޙްމަދު މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް އިސްކުރައްވައި މިނިސްޓަރގެ
މަޤާމަށް އަލްފާޟިލާ ޒާހިޔާ ޒަރީރު އިސްކުރެއްވިއެވެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ
އޮފީހުގެ ދަށުން ހިގަމުން އައި، ނާކޮޓިސް ކޮންޓްރޯލް ބޯޑަކީވެސް 11 ނޮވެމްބަރު
2003ން ފެށިގެން މިމިނިސްޓްރީގެ ދަށުން ހިގަމުންދާ ތަނެއްގެ ގޮތުގައި
ހަމަޖެއްސެވިއެވެ.
4 އޮކްޓޯބަރ 2004 ގައި "ނާކޮޓިސް ކޮންޓްރޯލް ބޯޑް" އުވާލައްވައި "ނޭޝަނަލް
ނާކޮޓިސް ކޮންޓްރޯލް ބިއުރޯ" އުފައްދަވައި، އެބޯޑުން ކުރައްވަމުން
ގެންދެވި ހުރިހާ މަސައްކަތެއް ނޭޝަނަލް ނާކޮޓިސް ކޮންޓްރޯލް ބިޔުރޯއިން
ކުރައްވާގޮތަށް ހަމަޖައްސަވައި، މިބިޔުރޯއަކީ ރައީސުލްޖުމްހުރިއްޔާގެ
އޮފީހުގެ ދަށުން ހިގަމުންދާ ތަނެއްގެ ގޮތުގައި އަލުން ހަމަޖެއްސެވިއެވެ.
14 ޖުލައި 2005ގައި ސަރުކާރުގެ އޮނިގަޑަށް ގެންނެވި ބަދަލުގައި މިމިނިސްޓްރީގެ
ނަމަކީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ކަމުގައި ހަމަޖައްސަވައި،
މިނިސްޓަރގެ މަޤާމުގައި ހުންނެވި އަލްފާޟިލާ ޒާހިޔާ ޒަރީރު މިނިސްޓަރ
އޮފް އެޑިޔުކޭޝަންގެ މަޤާމަށް އިސްކުރައްވައި މިނިސްޓަރ އޮފް ޖެންޑަރ
އެންޑް ފެމިލީގެ މަޤާމަށް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީ އިސްކުރެއްވިއެވެ.
އަދި މިމިނިސްޓްރީގެ ދަށުގައި އޮތް ސޯޝަލް ސެކިއުރިޓީއާއި ބެހޭ ބަޔާއި
މާލެއަތޮޅު ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް
ސެކިއުރިޓީގެ ދަށަށް ބަދަލު ކުރެއްވިއެވެ.
މިގޮތަށް ހަމަޖެއްސެވުމާއި ގުޅިގެން 13 ފެބްރުއަރީ 2006ގައި "ޗައިލްޑް
އެންޑް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ"ގެ ނަމުގައި އިދާރާއެއް އުފައްދަވައި
މިއިދާރާއަކީވެސް މިމިނިސްޓްރީގެ ދަށުން ހިގަމުންދާ ތަނެއްކަމުގައި ހަމަޖެއްސެވިއެވެ.
އަދި މިއިދާރާ އުފެއްދެވުމާއި ގުޅިގެން މިމިނިސްޓްރީގެ ދަށުން ހިގަމުންދިޔަ "ކުޑަކުދިންގެ
ޙައްޤުތަކާބެހޭ ޔުނިޓް" އުވާލެއްވިއެވެ. މިބަދަލާއި ގުޅިގެން ކުޑަކުދިންގެ
ޙައްޤުތަކާއި ބެހޭ ޔުނިޓުން ދެއްވަމުން ގެންދެވި ކައުންސިލިންގ ފަދަ ޚިދުމަތްތަށް
ދެއްވުމަށްޓަކައި މާލެއާއި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަތޮޅު ފެންވަރުގަޔާއި
ރަށުފެންވަރުގައި ސޯޝަލް ޕްރޮޓެކްޝަން ސަރވިސް ޤާއިމް ކުރައްވާގޮތަށް
ހަމަޖެއްސެވިއެވެ. މިގޮތަށް ހަމަޖެއްސެވުމާއި ގުޅިގެން 17 ޖޫން 2006ގައި
އައްޑު އަތޮޅުގައި "އައްޑުއަތޮޅު ސޯޝަލް ޕްރޮޓެކްޝަން ސަރވިސް ސެންޓަރ" ގެ
ނަމުގައި އޮފީހެއް ހުޅުވައި ސޯޝަލް ޕްރޮޓެކްޝަން ސަރވިސްގެ ޚިދުމަތް ރާއްޖޭގެ
އަތޮޅުތަކުގައި ދިނުމުގެ ޚިދުމަތް ޢަމަލީގޮތުން ފެއްޓުނެވެ.
————————————————————
 
މިނިސްޓްރީ
މިނިސްޓްރީގެ އޮނިގަނގު
 
ހަބަރާއި މަޢުލޫމާތު
ފޮޓޯ ގެލެރީ
ޑައުންލޯޑްސް
މުޙިއްމު ލިންކުތައް
|
©2006 މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ. |
|
|
Download Dhivehi font
dhiv_fonts.zip
|
 |