މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާ

 
   English | ދިވެހި    a a a
ސައިޓް މެޕް : ފުރަތަމަ ޞަފްޙާ : ޕޮލިސީއާއި ޤަވާއިދުތައް : ޖިންސީ ހަމަހަމަކަމާއިބެހޭ ސިޔާސަތު : ދިވެހިރާއްޖޭގެ އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރުމުގެ ޤައުމީ ސިޔާސަތު

ދިވެހިރާއްޖޭގެ އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރުމުގެ ޤައުމީ ސިޔާސަތު download this document

1. ދީބާޖާ
      ތާރީޚް ހެކިދޭގޮތުން، ދިވެހިރާއްޖޭގެ އަންހެނުންނަކީ ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ކަންކަމުގައި ފިރިހެނުންނާއި އެއްސަފެއްގައި ތިބި ބަޔެކެވެ. މީލާދީ ގޮތުން 14 ވަނަ ޤަރުނުގެތެރޭގައި، ދިވެހިރާއްޖޭގެ ތަޙުތުގައި އަންހެންބޭފުޅުން ރެދަލި ކުރައްވާފައިވެއެވެ. ކަންމިހެންހުރިނަމަވެސް، ދެޖިންސުގެ މީހުންގައި ހުންނަ ތަބީޢީތަފާތުތަކުގެ ބޭރުން، އަންހެނުންނާއި ފިރިހެނުން ތަފާތުކޮށް، ދެޖިންސުގެ ހުންނަ ތަފާތު ދައުރުތަކެއް މުޖުތަމަޢުން ކަނޑައަޅާފައިވާކަން އެއީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. މިކަން އެނގެނީ، ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އަންހެނުން ޙާޞިލުކުރަންޖެހޭ ލަނޑުދަނޑިތަކާއި ފިރިހެނުން ޙާޞިލްކުރަންޖެހޭ ލަނޑުދަނޑިތަކާ އެއްވަރުވާން ނުޖެހޭކަމަށް ބެލެވޭތީއެވެ. މިވިސްނުމުގެ ސަބަބުން، އެކިއެކި ފުރުޞަތުތަކުގެ ބޭނުންހިފުމަށް މަގުފަހިކުރެވިފައިވަނީ އަންހެނުންނާއި ފިރިހެނުންނަށް ތަފާތުކޮށެވެ. އަދި އަމިއްލަ އިޚްތިޔާރުގައި ކަންތައްތައް ކުރުމުގެ މިނިވަންކަންވެސް އަންހެނުންނާއި ފިރިހެނުންނަށް ލިބިދެވިފައިވަނީ ތަފާތު މިންވަރަކަށެވެ. ނަތީޖާއެއްގެ ގޮތުން، ފިރިހެނުންނަށް އެކި ރޮނގުރޮނގުން ލިބެމުން އަންނަ ކުރިއެރުމާއި ކާމިޔާބީއާ އެއްވަރަށް އަންހެނުންނަށް ކުރިއެރުން ލިބޭގޮތެއް ނުވެއެވެ.

      ދިވެހިރާއްޖޭގެ ވެރިކަން ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމަށް އެންމެ ފުރަތަމަ ފާސްކުރެވުނު ޤާނޫނު އަސާސީގައި ސިޔާސީ ކަންކަމުގައި އަންހެނުންނާއި ފިރިހެނުން ތަފާތުކޮށްފައެއް ނުވެއެވެ. ނަމަވެސް، ވޯޓުދިނުމުގައި އަންހެނުންނަށް ފުރަތަމަ ފަހަރަށް ބައިވެރިވެވުނީ 16 މާޗް 1962 ގައި ރާއްޖޭގައި ހިންގާނީ ރަސްކަމެއްތޯ ނުވަތަ ޖުމްހޫރީ ވެރިކަމެއްތޯ އާއި، ޖުމްހޫރީ ވެރިކަމެއްނަމަ އެންމެ އިސްކޮށް ތިބޭނީ ކޮންބައެއްތޯ ކަނޑައެޅުމަށް ނެގުނު "ރެފްރެންޑަމް" އަށް ވޯޓުދިނުމަށެވެ. ދެވަނަ ޖުމްހޫރިއްޔާ ޤާއިމްކުރުމަށްޓަކައި 10 ޖުލައި 1967 ގައި ބަދަލުގެނެވުނު ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެޢްޓުމަށްފަހު ވޯޓު ދިނުމުގައި އަންހެނުންނަށް ބައިވެރިވެއެވެ. 1975 ގައި އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަށާއި އަންހެނުންގެ ތަރައްޤީއަށް ދުނިޔޭގެ ފެންވަރުގައި ފެއްޓި ކެމްޕޭނާ ގުޅިގެން        1979 ން ފެށިގެން ރާއްޖޭގައިވެސް އެރޮނގުން މަސައްކަތްތަކެއް ކުރެވުނެވެ.

      އަންހެނުންގެ ތަރައްޤީގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށާއި، މިކަމުގައި މުޅި މުޖްތަމަޢުގެ ބައިވެރިވުން ހޯދުމަށް އިސްކޮށް މަސައްކަތްކުރާނެ ބައެއް ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި މާލޭގެ އަވަށްތަކުގައި 'އަންހެނުންގެ ކޮމިޓީ' ތަކެއް 1 ޖެނުއަރީ 1983 ގައި ޤާއިމްކުރެވުނެވެެ. ތަރައްޤީގެ އައު ވިސްނުންތަކާއެކު، އަންހެނުންގެ ތަރައްޤީގެ އަސްލު މަޤްޞަދުކަމަށްވާ އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަން ޤާއިމްކުރުމަށް ކޮމިޓީތަކުގެ މަސައްކަތްތައް އަމާޒުކޮށް، 2001 ގައި މިކޮމިޓީތަކުގެ ނަން "އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ" އަށް ބަދަލުކުރެވުނެވެ. މިބަދަލާއެކު، ކޮމިޓީތަކަކީ ހަމައެކަނި އަންހެނުންގެ މައްޗަށް އެކުލެވޭ ކޮމިޓީތަކެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، އަންހެނުންނާއި ފިރިހެނުން ބައިވެރިވާ ކޮމިޓީތަކެއްގެ ގޮތުގައި މަސައްކަތްކުރާ ގޮތަށް ހަމަޖެއްސުނެވެ.

      ބައިނަލްއަޤްވާމީ ފެންވަރުގައި އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމާއި އެޙައްޤުތައް ރައްކާތެރިކުރުމުގައި ގެންގުޅޭ މިންގަނޑުތައް ކަމުގައި ބަލާ "އަންހެނުންނާ މެދު ކުރެވޭ ހުރިހާ ނޭދެވޭ ތަފާތުތައް ނައްތާލުމާބެހޭ މުޢާހަދާ" (ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އަގެއިންސްޓް ވިމެން CEDAW )    ގައި 1 ޖުލައި 1993 ގައި ރާއްޖެ ބައިވެރިވެ، އެމުޢާހަދާއާއި 1995 ގައި ފާސްކުރެވުނު ބޭޖިންގް ޕްލެޓްފޯމް ފޮރ އެކްޝަނަށް ޢަމަލުކުރުމަށް ދިވެހި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން CEDAWގެ އޮފްޝަނަލްގައި ދިވެހިސަރުކާރުން ބައިވެރިވެ، 13 ޖޫން 2006 ން ފެށިގެން މިޕްރޮޓޮކޯލްއަށް އަމަލުކުރަން ފެށުމަށް ސީޑޯ ކޮމިޓީއިން ވަނީ ރާއްޖެއަށް އަންގަވާފައެވެ. އެހެންކަމުން، ސަރުކާރުން އިސްނަންގަވައިގެން ސިޔާސީ ކަންކަމުގައިވެސް އަންހެނުންގެ ދައުރު ފުޅާކުރުމަށް މަސައްކަތްކުރެވުނެވެެ. މި ގޮތުން، ދިވެހިރާއްޖޭގެ ވިހިވިހީގެ ތަޞައްވަރުގައިވާ ފަދައިން ދިވެހި މުޖުތަމަޢަކީ އަންހެނުންނާއި ފިރިހެނުން، ހަމަހަމަކަމާއެކު، ސިޔާސީ، އިޖްތިމާޢީ، އިޤަތިޞާދީ މައިދާނުގައި ޙަރަކާތްތެރިވާ މުޖުތަމަޢަކަށް ހެދުމުގެ ލަނޑުދަނޑި ޙަޤީޤަތަކަށް ހެދޭނީ ހުރިހާ ރޮނގަކުން އަންހެނުންނަށް އިތުރު ފުރުޞަތުތައް ލިބިގެންނެވެ. އަދި އަންހެނުންނާ ފިރިހެނުންނަކީ ހަމަހަމަބައެއްކަން މުޅި މުޖުތަމަޢު ޤަބޫލުކޮށްގެންނެވެ. އަންހެނުންގެ ޙާލަތު ބަދަލުކުރެވިގެންނެވެ. އަންހެނުންނަށް އިޙްތިރާމްކުރެވިގެންނެވެ. މުޖުތަމަޢުގައި އަންހެނުންގެ ދަރަޖަ އުފުލިގެންނެވެ.

      2000 ވަނަ އަހަރު ފުރަތަމަ ފަހަރަށް ކުޑަކަތީބު ކަމުގެ މަޤާމަށް އަންހެނަކު އައްޔަންކުރެވުނެވެ. އަދި 2001 ގައި އަތޮޅުވެރިއަކަށް ވެސް އަންހެނަކު އައްޔަންކުރެވުނެވެ. އިޖްތިމާޢީ ޙަޤީޤަަތަކީ، އަދިވެސް ސަރުކާރާއި އަމިއްލަ ދާއިރާތަކުގެ މަތީފެންވަރުގެ މަޤާމުތަކުގައި ޙަރަކާތްތެރިވާ އަންހެނުންގެ ނިސްބަތް ކުޑަކަމުން ތަރައްޤީގެ ގިނަކަންތައްތައް ރާވާހިންގުމުގައި އަދި ސިޔާސަތުތައް ކަނޑައެޅުމުގައި އަންހެނުންގެ ޙީއްސާ ވަރަށް ކުޑަކަމެވެ.

      ދިވެހިރާއޖޭގެ އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރުމުގެ ޤައުމީ ސިޔާސަތު ބާރުއަޅަނީ، ސަރުކާރުގެ ހުރިހާ އިދާރާތަކާއި، އަމިއްލަ ޖަމްޢިއްޔާ / ޖަމާޢައްތަކާއި، އަދި ޖުމްލަކޮށް މުޅި މުޖުތަމަޢުގެ އެންމެން ދެޖިންސުގެ ހަމަހަމަކަމަށް އިޙްތިރާމްކުރުމަށާއި، ފިރިހެނުންގެ ޙައްޤުތަކަށް އުނިކަމެއް ނާންނަގޮތަށް، އަންހެނުންނަށް އެބައިމީހުންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށެވެ. އަދި ތަރައްޤީ އާއި ކުރިއެރުމުގެ ގޮތުންހުރި ހުރިހާ ފުރުޞަތުތަކެއްގެ ބޭނުން އަންހެނުންގެ އަމިއްލަ އިޙްތިޔާރުގައި ހިފޭނެ މާހައުލެއް އުފެއްދުމަށެވެ.

ޕޮލިސީ އާއި ޤަވާއިދުތައް

އާއިލާއާއި ކުޑަކުދިންގެ ޙައްޤުތައް

ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރާ ޤާނޫނު(9/91) - އިގިރޭސި

ޢާއިލާއާއިބެހޭ ޤާނޫނު - ޖަސްޓިސް

ފެމިލީ ގައިޑްލައިންސް - ޖަސްޓިސް

ކޯޓް ޕްރޮސީޖާ އިން ކޭސަސް އޮފް ޑިވޯސް، ކަސްޓަޑީ އެންޑް ޗައިލްޑް ސަޕޯޓް - އިގިރޭސި

ކުށްކުރާ ކުދިންނާއިމެދު އަމަލް ކުރާ ޤަވާއިދު

އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރުމުގެ ސިޔާސަތުތައް

ދިވެހިރާއްޖޭގެ އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރުމުގެ ޤައުމީ ސިޔާސަތު

 

ހަބަރާއި މަޢުލޫމާތު

ފޮޓޯ ގެލެރީ

ޑައުންލޯޑްސް

މުޙިއްމު ލިންކުތައް


.m.y. :ފަރުމާ
©2006 މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ.

ހޯއްދަވާ

Download Dhivehi font

dhiv_fonts.zip